English Edition
Dhivehi Edition
ޗައިނާ ޓޫރިސްޓުން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު މިދިޔަ އަހަރަށްވުރެ މަދުވި ނަމަވެސް، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ޗައިނާ އަދިވެސް އޮތީ ޗައިނާކަމަށް ހިސާބުތަކުން ހާމަވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓޫރިސްޓުންނާއި ވިޔަފާރި ދަތުރުވެރިން އަދި ކްރޫޒްލައިނާތަކުގައި އައި މީހުން ހިމެނޭހެން މި އަހަރު ރާއްޖެއަށް 1،331،148 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1،387،700 މީހުންނާ އަޅާބަލާއިރު 56،552 މީހުންގެ މަދުވުމެކެވެ.

މާކެޓް ހިއްސާއަށް ބަލާއިރު ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން މިހާތަނަށް 237،271 ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 18.2 ޕަސަންޓެވެ. ދެވަނައިގައި އޮތް ރަޝިޔާއިން 191،530 ޓޫރިސްޓުން (14.7 ޕަސަންޓު) އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 102،596 ޓޫރިސްޓުން (7.9 ޕަސަންޓު) އެވެ.

ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ އެނދުގެ އަދަދަށް ބަލާއިރު، މިވަގުތު 68،406 އެނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިޒޯޓުތަކުންނެވެ. އެއީ 66 ޕަސަންޓެވެ. އަދި ގެސްޓްހައުސްތަކުން 25 ޕަސަންޓު ހިއްސާކުރާއިރު، ސަފާރީތަކުން 5 ޕަސަންޓު އަދި ހޮޓާތަކުން 4 ޕަސަންޓު ހިއްސާކުރެއެވެ.

އޮޕަރޭޓްކުރާ ފެސިލިޓީތަކުގެ ތަފްސީލަށް ބަލާއިރު، މިވަގުތު ރާއްޖޭގައި 179 ރިޒޯޓުގެ އިތުރުން 947 ގެސްޓްހައުސްއަކުން އަންނަނީ ޓޫރިސްޓުންނަށް ހިދުމަތް ދެމުންނެވެ.

ޓެގު