English Edition
Dhivehi Edition

ސިޔާސީ ބޭފުޅުން ސިޔާސީ ގޮތުން ކުރައްވާ ކަންކަމުގައި ވަކި ޙައްދެއް އޮންނަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޤައުމައްޓަކައި އަންހެނުންގެ ނަމުގައި ވެސްޓު ޕާކު ސަރަޚައްދުގައި ރޭ ކުރިއަށްދިޔަ ފޯރިގަދަ ޖަލްސާއެއްގައި ވާޙަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތު ބޭފުޅުން އުޅުއްވުމަކީ މައްސަލައެއް ނޫންކަމަށެވެ. އެހެންނަމަވެސް އެބޭފުޅުން ކުރައްވާ ކަންކަމުގައި ވަކި ޙައްދެއް އޮންނަންވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ފައިސާއާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރަށާ ރައީސް ޔާމީނަށް މިފަހަރު ދިން ޙަމަލާއަކީ ހަމައެކަނި ރައީސަށް ދިން ޙަމަލާއެއްނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު އާޒިމާ ވިދާޅުވީ އެއީ މުޅި ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް ދިން ނުރައްކާތެރި ޙަމަލާއެއްކަމަށެވެ.

“މިއަދުގެ މި ޙަމަލާއަކީ ވެރިކަމަށް ދިން ޙަމަލާއެއް ނޫން. މިއީ ޤައުމަށް ދިން ޙަމަލާއެއް. މިއަދުވެސް އަޅުގަނޑުމެން ދެމުން މިގެންދަނީ އެ ޙަމަލާތަކަށް ފަރުވާ” އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު ޙުކުމާއި ގުޅޭގޮތުންވެސް އާޒިމާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެކަމަނާއަށްވުރެއް ވަކި މޮޅަށް ޤާނޫނު މާނަކުރައްވަން އެނގޭނެ ބޭފުޅަކު ނުހުންނަވާނެކަމަށާއި އެޙުކުމަކީ ބޮޑު ޖޯކެއްކަމަށް އާޒިމާ ވިދާޅުވިއެވެ.

“ވަރަށް ކެރި ހުރެ މިދަންނަވަނީ ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކީ ސައްޙަ އަމުރެއް ނޫން” އާޒިމާ ވިދާޅުވިއެވެ.

ޤާނޫނީ ދާއިރާގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު އިތުރަށް ވިދާޅުވީ ޒިންމާތައް ޙަވާލުކޮށްފައި ތިބޭ މީހުން ދަޢުލަތަށް ތެދުވެރިވާނެ ގޮތެއް މިއަދު ހޯދަން ޖެހިއްޖެކަމަށާއި، މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޤައުމަށް ގެއްލުންދޭން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އާޒިމާ ވަނީ ދަޢުލަތާ، ޤައުމު ހަލާކުކޮށް ނުލެއްވުމަށް ވަރަށް އަސަރާއެކު އެދިވަޑައިގެންފައެވެ.

ރޭގެ ވާހަކަފުޅުގައި އާޒިމާ ވަނީ ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލާ އެއްވެސް ފަރާތަކުން ކުޅުނަ ދޭން ދޫކޮށް ނުލުމަށް ހުރިހާ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމުން ވީފަދަ ޤުރުބާނީއެއް މިޖީލުގެ އެއްވެސް މީހަކަށް ނުވެވޭނެކަން ފާޙަގަކުރައްވާފައެވެ.