English Edition
Dhivehi Edition

ސްޕްރީމް ކޯޓުން މިމަހު 1 ވަނަ ދުވަހު، ބައެއް ސިޔާސީ ކުއްވެރިން ދޫކޮށްލަން އަމުރުކޮށްފައި ވާއިރު އެ މީހުންގެ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފައެއް ނުވާކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ދޫކޮށްލަން އަމުރުކޮށްފައިވާ ބައެއް މީހުންގެ މައްސަލަތައް ސުޕްރީމް ކޯޓުން އަންގާފައި ވާއިރު އެ މީހުންގެ ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފައެއް ނުވާކަމަށާއި އަދި އަމުރުގައި ބުނާ ބައެއް މީހުންނަކީ ހަމަ އެ މައްސަލަތަކުގައި އެހެން މީހުން ވެސް ހިމެނޭ މައްސަލަތަކެއްކަމަށެވެ.

” އެންމެންނާ މެދު ހަމަހަމަކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ދެކެން. ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއްގައި ހިމެނޭ ވަކި ބަޔަކަށް ވަކި ފުރުސަތުތަކެއް ލިބި، އެ ހާލަތުގައި ތިބި އެހެން މީހުންނަށް އެ ފުރުސަތު ނުލިބުމަކީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ ހައްގު އުނިވާ ކަމެއް. ސުޕްރީމް ކޯޓުގެ އަމުރުގައި ބައިންޑް ވާ ކަންކަމަކީ، ގާނޫނީ އެއް ހަމައަކުން، އެއް ތަރާދުން މިނާ ގަނެވޭނެ މައްސަލަތަކެއް ނޫން” އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ގާނޫނު އަސާސީގެ ތަރުތީބު ގެއްލި، ކޯޓުތަކުގެ ބާރުތަކާއި ތަރުތީބު ވެސް ގެއްލި، ގާނޫނުއަސާސީގައި ވަކި ބާރުތަކެއް ދީފައިވާ ޕީޖީ އާއި ޖޭއެސްސީގެ ބާރުތައް ވެސް ގެއްލި، މަސްހުނިވެގެން ދިއުމަކީ ގާނޫނުއަސާސީގައިވާ އިންތަކާ އެއްގޮތަށް ދައުލަތް ނުހިންގޭނެ ކަންކަންކަމަށެވެ.