English Edition
Dhivehi Edition

ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި ހުންނެވީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ ރާއްޖޭގައި ފުރާވަޑައިގެންފި ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރެމުން ދިއުމާގުޅިގެން ކުރެއްވި ޓުވީޓެއްގައި އާޒިމާ ވަނީ އެއީ ދޮގުވާހަކައެއްކަން ކަށަވަރުކޮށް ދެެއްވަވާފައެވެ.

ރައީސް ޔާމީން ވެރިކަމުން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލުކުރުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އާޒިމާ ވިދާޅުވެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

އާޒިމާއަކީ ރައީސް ޔާމީނަށް ލީގަލް އެޑްވައިޒް ދެއްވާ، ރައީސް ޔާމީންއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ގާނޫނީ ވަކީލެކެވެ.

ސޯޝަލް މީޑިއާގައި އާޒިމާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ ވާހަކަ ފެތުރިފައިވަނީ ސުޕްރީމް ކޯޓުން ރޭ ކުރި ޙުކުމުގައި ސިޔާސީ އެކި ކުށްކުށުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އަމުރު ނެރެފައިވަނިކޮށެވެ.