English Edition
Dhivehi Edition

މީހުން ފޭސްބުކަށްލާ ޕްރޮފައިލް ފޮޓޯތައް ސޭވްކޮށްގެންނާއި އެހެން ގޮތަކަށްވެސް ނުނެގޭނެ ގޮތްހެދުމަށް މުޅިންއައު ފީޗަރއެއް ޓެސްޓު ކުރަން އިންޑިއާގައި ފަށައިފިއެވެ. މި ފީޗަރގެ ސަބަބުން ޕްރޮފައިލަށް ލާފައިހުންނަ ފޮޓޯ ސޭވްކޮށް އަދި )އެންޑްރޮއިޑް ފޯނެއްނަމަ( ސްކްރީން ޝޮޓް ވެސް ނުނެގޭނެވެ. މިއީ ފޭސްބުކު ބޭނުންކުރާ މީހުންނަށް ދިމާވާ މިފަދަ މައްސަލަތަކަށްއޮތް ހައްލެކެވެ. މިފަދަ ހައްލެއް ހޯދައިދީ އެ ތައާރަފް ކުރުމަށް ފޭސްބުކުން ބޭނުންވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ފޭސްބުކުން ބެލިބެލުމުން އެއްވެސް ހާލަތެއްގައި ފޭސްބުކަށް ފޮޓޯއެއްލާކަށް އިންޑިއާގެ ވަރަށްގިނަ އަންހެނުން ބޭނުމެއް ނުވެއެވެ. ސަބަބަކަށްވަނީ އެމީހުންގެ ފޮޓޯ ޕްރައިވެސީ ހަދާފައި ހުއްޓަސް އެކިގޮތްގޮތުން ނަގައިގެން ފާޑުފާޑުގެ ވެބްސައިޓްތަކަށް ލާތީއެވެ. އަދި އެމީހުންގެ ފޮޓޯތައް އެޑިޓްކޮށް އަގުވެއްޓޭ ގޮތަށް އެ ފޮޓޯތައް ބޭނުންކުރެވޭ ކަމަށްވެސް އެފަދަ މީހުން ބުނެއެވެ. އެގޮތަށް ނެގޭ ފޮޓޯތައް ބޭނުން ކޮށްގެން މީހުންނަށް ބޮޑެތި އޮޅުވާލުންތައް ވެސް އޮޅުވާލައެވެ. އެހެންކަމުން ފޭސްބުކަކީ އިންޑިއާގައި ގިނަމީހުންގެ އިތުބާރު އޮންނަ އެއްޗެއް ނޫނެވެ. ފޭސްބުކުން ބޭނުންވަނީ މި އިތުބާރު ހޯދައިދިނުމަށެވެ. މިކަމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ހިނގައިފާނެ ކަމަކަށްވަތީ ފޭސްބުކުންދަނީ ހުރިހާ ގައުމަކަށްވެސް މި ފީޗަރ ތައާރަފް ކުރެވޭތޯ ބަލަމުންނެވެ. ފޭސްބުކުން މިކަމާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތްތާ މި ފީޗަރ ހުރިހާ ގައުމަކަށް ލިބޭގޮތް ހަދާނެކަމަށެވެ.

ޓެގު