English Edition
Dhivehi Edition

މާތް ވެގެންވާ އިސްލާމްދީން މުސްލިމުންނަށް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައިވާ، އަދި އެއަށް ޝަރުޢީ އުޞޫލުގެ ޢިލްމުވެރިން الضرورات الخمس (ލާޒިމު ފަސްކަންތައް) ގެ ނަމުން ނުވަތަ الكيات الخمس(މައިގަނޑު ފަސްކަންތައް) ގެ ނަމުން ނަންދެއްވާފައިވާ ފަސްކަމެއް ވެއެވެ. އެއީ ދީން ރައްކާތެރި ކުރުމާއި، ނަފުސު ރައްކާތެރި ކުރުމާއި، ބުއްދި ރައްކާތެރި ކުރުމާއި، އަބުރު ރައްކާތެރި ކުރުމާއި އަދި މުދާ ރައްކާތެރިކުރުމެވެ. މިފަސް ކަންތަކަކީ އެއާ ނުލައި އިންސާނާއަށް ހަމަ މަގުގައި ނުއުޅެވޭނެ ކަންތަކެވެ. އޭގެ ތެރެއިން ބުއްދި ހިމާޔަތް ކުރުން ގުޅިފައިވަނީ ތަޢުލީމާއެވެ. ޔުނިވަރުސިޓީތަކަކީ ތަޢުލީމުގެ އަސާސެވެ. އެހެންކަމުން ޔުނިވަރުސިޓީތައް ޙިމާޔަތްކޮށްފައި (މުސްތަގިއްލުކޮށްފައި) ބޭއްވުމަކީ ދީނީގޮތުން ވާޖިބެކެވެ. އަދި އެކަމަށް މަސައްކަތްކުރުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ބަޔަކު ކޮށްފިނަމަ އެންމެންގެ ކިބައިން އެ ފަރުޟު ކެނޑިގެން ހިނގައިދާނެއެވެ. އެއްވެސް ބަޔަކު ނުކޮށްފި ނަމަ އެންމެން ފާފަވެރި ވާނެއެވެ. މިއީ އަޅުގަނޑަށް ވިސްނުނު ގޮތެވެ. (ރަނގަޅު ގޮތް ދަނެގަތުމަށްޓަކައި ފަތުވާ ކޮމެޓީއަށް މައްސަލަ ފޮނުއްވާ!)

ސަރުކާރުގެ ޔުނިވަރުސިޓީތައް މުސްތަގިއްލު ނުވާ ބައެއް ސަބަބު:

އެކެއް: ލީޑަޝިޕް ސީދާ ދައުލަތުގެ ވެރިޔާ އައްޔަންކުރުން: ޗާންސެލާ އަދި ވައިސް ޗާންސެލާ ފަދަ ޔުނިވާސިޓީގެ ލީޑަޝިޕްގެ އިސް މަގާމުތަކަށް އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރާއްޖޭގެ ގާނޫނުން އެވަގުތަކު ހުންނަ ރައީސަކަށް ލިބިދީފައިވުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވެރިކަންކުރާ ސިޔާސީ ނިޒާމަށް އަންނަ ކޮންމެ ބަދަލަކާއެކު ގިނަ ފަހަރަށް އެކަޑަމިކް ލީޑަރޝިޕް ބަދަލުވެގެންދެއެވެ.

ދޭއް: ޔުނިވަރސިޓީ ކައުންސިލްގެ ކޮންޓްރޯލް ދައުލަތުގެ އިސްވެރިޔާއަށް ލިބިފައިވުން: ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން އައްޔަންކުރުމުގެ ބާރު ދައުލަތުގެ އިސްވެރިޔާއަށް ލިބިގެންވުމެވެ. އެއީ ސަރުކާރުގެ ޔުނިވަރުސިޓީތައް މުސްތަގިއްލު ނުވާ އެއް ސަބަބެވެ. އެކަމުގެ ސަބަބުން ހަގީގީ މިނިވަން އިދާރީ ނިންމުންތައް ނިންމުމުގެ ގާބިލްކަން ބަލިކަށިވެގެންދެއެވެ.

ތިނެއް: ޔުނިވަރުސިޓީގެ ޚަރަދު ދައުލަތުގެ ބަޖެޓަށް ބަރޯސާވެފައިވުން: ޖުމުލަ ގޮތެއްގައި ޔުނިވަރުސިޓީތައް ބަރޯސާވެފައިއޮންނަނީ ސަރުކާރުގެ ފައިސާއާއި ސަރުކާރުގެ ސްޓޫޑެންޓް ސަޕޯޓް ޕްރޮގްރާމްތަކަށެވެ. މި ބަރޯސާވުމުގެ ސަބަބުން ޔުނިވަރުސިޓީގެ ތަރައްގީގެ ޕްލޭންތަކާއި އެކަޑަމިކް މަޝްރޫއުތަކުގެ މައްޗަށް ފިނޭންސް މިނިސްޓްރީއަށް އަދި ސަރުކާރަށް ސިދާ އަދި ނުސީދާ ގޮތެއްގައި ނުފޫޒު ހިންގުމުގެ ބާރު ލިބިފައިވެއެވެ. މިއީ ސަރުކާރުގެ ޔުނިވަރުސިޓީތަކުގައި އާމުދަނީ ލިބޭނެ ވަގުފުތައް ނެތުމާއި ނުވަތަ އަމިއްލައަށް ފައިސާ ހޯދުމަށް އެކަށީގެންވާ މަސްދަރުތަކެއް ނެތުމުން ދިމާވެފައިވާ ސަބަބެކެވެ.

ހަތަރެއް: އެކަޑަމިކު ޕޮލެސީ ސަރުކާރުގެ ސިޔާސަތުތަކަށް ފައްތަން މަޖުބޫރުވުން: ޔުނިވާސިޓީތަކުގެ ދިރާސާތަކާއި މަންހަޖުތައް މިނިސްޓްރީތަކުން (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ފަދަ، ނުވަތަ އެމް.ކިއު.އޭ ފަދަ، ނުވަތަ ބާ-ކައުންސިލް ފަދަ މުއައްސަސާތަކުން) ފާސްކޮށްފައިވާ އެމީހުންގެ ސިޔާސީ ޕްލޭންތަކާ އެއްގޮތް ކުރުމަށް ޔުނިވަރުސިޓީތަކަށް ލާޒިމުވެފައިވުމެވެ. ޔުނިވާސިޓީއަކަށް މިނިވަންކަމާއެކު އަމިއްލައަށް ދިރާސާ ނުވަތަ ތައުލީމީ މަގުތައް ކަނޑައެޅުމުގެ މިނިވަންކަމެއް ނެތުމެވެ.

ފަހެއް: ޔުނިވަރުސިޓީގެ ގާނޫނަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ރައްޔަތުންގެ މަޖިލިހަށް ދީފައިއޮތުން: ޔުނިވާސިޓީގެ މިންގަނޑުތަކާއި، ރޭންކިން ޝަރުތުތަކާއި، ގަވަރނަންސް ފްރޭމްވޯކްތައް ކޮންމެ ވަގުތެއްގައިވެސް އިސްލާހުކުރުމުގެ ބާރު ޕާލަމެންޓަށް ދީފައިއޮތުމެވެ. މިކަމުގެ ސަބަބުން ޔުނިވަރުސިޓީ އޮންނަނީ އެކަޑަމިކު މިނިވަންކަން ގެއްލިފައެވެ.

ޔުނިވަރުސިޓީތައް މުސްތަގިއްލުނުވުމުން މުޖުތަމައަށް ދިމާވާ ބައެއް ގެއްލުން

އެކެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ އިޖުތިމާޢީ ފޭރާން ރޫޅިގެން ދާނެއެވެ. ހަމަ ޤަބޫލުކުރުން މަދުވެ، ޕާޓީވަންތަކަން ބޮޑުވެ ނުވަތަ ޕާޓީ ފިކުރުތައް ތަޙައްމަލު ނުކުރެވޭ މިންވަރަށް މަތިވެ، އެތެރޭގެ ކޯޅުންތައް ބޮޑުވެގެންދާނެއެވެ. ހަމައާއި އިންސާފެއް ގަބޫލެއް ނުކުރާނެއެވެ. ވެރިކަމުގައި އޮންނަ ޕާޓީގެ ނަސްލުގެ ބަޔަކު ކޮންމެ ކަމެއް ކުރިއަސް އެކަމަކަށް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. އެއީޔުނިވަރުސިޓީތައް މުސްތަގިއްލުނުވުމުގެ ސަބަބުން އެފަދަ ހަރުދަނާ މީހުން އުފެއްދިފައިނުވާތީއެވެ.

ދޭއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ކުށާއި ކޮރަޕްޝަން މުޖުތަމައަށް ފެތުރިގެންދިއުމެވެ. ޕޮލިސީ ލެވެލުގެ މީހުން ނާޖާއިޒު ފައިދާއަށް ދަމައިގަންނަ މަގު ފަސޭހަވެގެން ދާނެއެވެ. ޔުނިވަރުސިޓީތައް މުސްތަގިއްލުނުވުމުގެ ސަބަބުން އަޚްލާޤީ އަދި ޤާނޫނީ ހަމަތައް ހިފަހައްޓާނެ ހޭލުންތެރި ހަރުދަނާ ބަޔަކު ޔުނިވަރުސިޓީތަކުން ނުއުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ތިނެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ދޮގު އަޑުތަކާއި ހަލަބޮލިކަން މުޖުތަމައަށް އާންމުވެގެން ދިއުމެވެ. ޢިލްމީ ފޭރާން ދެރަވެއްޖެ ނަމަ އެ މުޖުތަމައެއް ވެގެންދާނީ އަޑުތަކާއި ދޮގުތައް ފެތުރުމަށް ފަހި މާހައުލަކަށެވެ. އެފަދަ ކަންކަމާމެދު އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. ތިބޭނީ ގައުމުގައި އުފެދޭ މައްސަލަތަކާ ކުރިމަތިލުމުގައި ބުއްދިއާއި ހަމަތައް ދޫކޮށް ޕާޓީގެ އަގީދާތަކަށް އީމާންވާ މީހުން އެކަންޏެވެ. އެއީ ޔުނިވަރުސިޓީތައް މުސްތަގިއްލުނުވުމުގެ ސަބަބުން އަޚްލާޤީ އަދި ޤާނޫނީ ހަމަތައް ހިފަހައްޓާނެ ހޭލުންތެރި ހަރުދަނާ ބަޔަކު ޔުނިވަރުސިޓީތަކުން ނުއުފެދުމުގެ ނަތީޖާއެއްގެގޮތުންނެވެ.

ހަތަރެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ތަދުމަޑުކަމާއި ވަޒީފާގެ ބަޒާރު ހީނަރުވެގެންދިއުމެވެ. ޢިލްމީގޮތުން ބަލިކަށި މީހުން މުޖުތަމައަކަށް ގިނަވާނަމަ އެމުޖުތަމަޢެއްގައި އިޤްތިޞާދީ އިންޖީނު ބެލެހެއްޓުމަށް ބޭނުންވާ ޤާބިލުކަމާއި ހުނަރު ނެތިގެންދާނެއެވެ. އުފެއްދުންތެރިކަން ދަށްވާނެއެެވެ. ފަޤީރުކަމުގެ ނިސްބަތް އިތުރުވާނެއެވެ. ދުނިޔޭގެ ގައުމުތަކުގައި އިގުތިސާދު ހިފަހެއްޓިފައި އޮންނަނީ ސަރުކާރުގެ ޕޮލިސީ ލެވަލުގައި ޢިލްމީގޮތުން ފުންނާބު އުސް ބަޔަކު ތިބެގެން ސަރުކާރުން ބުނާހާއެއްޗަކަށް ދީނުލައި އިގުތިސާދީގޮތުން ކުރަންޖެހޭކަންތަކާއި ނުކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ބުނެދެމުން ގެންދާތީއެވެ. އަދި އެގޮތަށް ކަންތައްކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުވާތީވެސް މެއެވެ.

ފަހެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ތަރައްޤީއާއި ލުއިފަސޭހަތަކަށް ހުރަސްއެޅިގެން ދިއުމެވެ. ޒަމާނީ ތަރައްޤީ ބިނާވެފައިވަނީ ޢިލްމާއި ޓެކްނޮލޮޖީގެ މައްޗަށެވެ. ޢިލްމީ ފޭރާން ބަލިކަށިވެއްޖެ ނަމަ ދުނިޔޭގެ ތަރައްޤީތަކާ އެއްވަރަކަށް އާ ކަންތައްތަކެއް އުފެއްދުމުގެ ނުވަތަ ކުރިއަށް ގެންދިއުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. އަމިއްލައަށް ދައުވާކުރަނީ ތިމަންނަމެންނަކީ ވަރަށް ގާބިލު ތައުލީމީ ޒުވާން ޖީލެއްކަމަށެވެ. ނަމަވެސް ތިބެނީ ތަރައްގީގޮތުން ދުނިޔޭގެ އެންމެ ފަހަތުގައެވެ.

ހަޔެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ގައުމީ އިގުތިސާދީ ވަސީލަތްތައް އިސްރާފުކުރުން އާއްމުވުމެވެ. ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ގޯސްކޮށް ބެލެހެއްޓުމާއި ބުއްދިވެރި ނޫން ގޮތެއްގައި ބޭނުންކުރުމެވެ. އޭގެ ސަބަބެއްކަމަށްވަނީ ޔުނިވަރުސިޓީތަކުގެ މިނިވަންކަން ގެއްލިފައި އޮތުމުގެ ސަބަބުން ޢިލްމީގޮތުން ފުނާބު އުސް ހަރުދަނާ މީހުން އުފެއްދިފައި ނެތުމުގެ ހިތި ނަތީޖާއެވެ.

ހަތެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ފިކުރީ ހަގުރާމަތަކުން މުޖުތަމައު ފާސިދުކޮށްލަން ފަސޭހަވުމެވެ. ހޭލުންތެރިކަމެއް ނެތް ފަރުދުން ގިނަވެއްޖެ ނަމަ ސިޔާސީ ޕާޓީތަކުން ނުވަތަ ހަރުކަށި ޖަމާއަތްތަކުން ފަސޭހައިން އޮޅުވާލައި މީހުން މަގުފުރައްދައި އިޖުތިމާއީ ސުލްހައަށް ނުރައްކާކުރެވިދާނެއެވެ.

އަށެއް: ޔުނިވަރުސިޓީތައް މުސްތަގިއްލުނުވެއްޖެ ނަމަ ދިމާވާނެ އެއް ގެއްލުމަކީ ވަޠަނީ ވަންތަކަމާއި ގައުމީ ފިކުރު ބަލިކަށިވުމެވެ. ހައްގުތަކާއި ވާޖިބުތައް ދެމެހެއްޓުމުގެ ތަޞައްވުރެއް ނުހުންނާނެއެވެ. މުޖުތަމަޢަށް ނިސްބަތްވާ ކަމުގެ އިޙްސާސެއް ނުހުންނާނެއެވެ. ދައުލަތް ބިނާކުރުމުގައި ހެޔޮލަފާދާރު ބައިވެރިވުމެއް ނުހުންނާނެއެވެ. ވަޒީފާ ދިން މީހުން ޖަހާހާ ބެރައަކަށް އޭނާ ނަށާނެއެވެ.

ފެންނަ ބައެއް ހައްލުތައް:

އެކެއް: ޔުނިވަރުސިޓީގެ ލީޑަރުން ހޮވުމުގެ އުސޫލު އިސްލާހުކުރުން: ޔުނިވަރސިޓީގެ ރައީސް (ވައިސް ޗާންސެލަރ) ދައުލަތުގެ ވެރިޔާ އައްޔަންކުރުމަށް އޮންނަ އޮތުން އުވާލުމެވެ. އަދި އޭގެ ބަދަލުގައި ސިޔާސީ ނުފޫޒުން އެއްކިބަވެފައިވާ އެކަޑަމިކް އިންތިހާބީ ނިޒާމެއްގެ ދަށުން ޔުނިވަރުސިޓީގެ ލީޑަރޝިޕު ހޮވުމެވެ. ރާއްޖެ ވެސް ދެން ދަތުރުކުރަންވީ ބައިނަލްއަގުވާ ގައުމުތަކަށް ބަލައިގެން ތަރައްގީ ލިބޭނެގޮަތަކަށެވެ. ޔުނިވާސިޓީތަކުގެ ރައީސުން ނުވަތަ ޑީން އައްޔަންކުރުމުގައި މިސާލަކަށް، އިނގިރޭސި ސަރުކާރުން އެއްގޮތަކަށްވެސް ތަދައްޚުލެއްނުވެއެވެ. އެތަންތަނުގެ ޔުނިވާސިޓީތަކަކީ ފުރިހަމައަށް އަމިއްލައަށް ވެރިކަންކުރާ މުއައްސަސާތަކެވެ. އެ މުއައްސަސާތަކުގެ ލީޑަރުން ހޮވަނީ އެތެރޭގެ ސަރޗް ކޮމިޓީތަކާއި އޯޕަން ކޮމްޕެޓިޓިވް ސެލެކްޝަން މެދުވެރިކޮށެވެ. އެހެންވެ ގައުމު އިނދެނުޖެހި ހިނގަނީއެވެ. އަދި ދުވަހުންދުވަހަށް ތަރައްގީ ވަނީއެވެ. ވީމާ ރާއްޖެ ވެސް އެގޮތަށް އެނބުރެން އެބަޖެހެއެވެ.

ދޭއް: ޔުނިވަރސިޓީ ކައުންސިލްތައް ސިޔާސީ ނުފޫޒުން އެއްކިބާވާގޮތަކަށް އެކުލަވާލުން: ޔުނިވަރސިޓީ ކައުންސިލަށް ސަރުކާރުން އައްޔަންކުރާ މެންބަރުން ނެތުމެވެ. ނުވަތަ ވަރަށް ވެސް މަދުކުރުމެވެ. ފެކަލްޓީއާއި ދަރިވަރުންނާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުގެ މަންދޫބުންގެ ތަމްސީލު އިތުރުކުރުމެވެ. އެއިރުން އެއްވެސް ފަރާތަކަށް ނުބަލާ އެކަޑަމީ ނިންމުންތައް ނިންމުމަށްޓަކައި މަގުހުޅުވިގެން ދާނެއެވެ.

ތިނެއް: ޔުނިވަރުސިޓިތަކަށް ޚާއްސަކޮށްގެން ވަޤުފުތައް ގާއިމުކުރުން: ޔުނިވަރސިޓީތަކަށް ވަޤުފާއި، އަމިއްލަ އިންވެސްޓްމަންޓް ފަންޑާއި، ޓުރެސްޓުތައް ގާއިމްކުރުމެވެ. އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލައަށް ފައިނޭންސް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ކުރާ މާލީ ޕްރެޝަރުތަކުންނާއި ސިޔާސީ ނުފޫޒުން ރައްކާތެރިވެވޭނެއެވެ.

އާދެ! ހުޅަނގުގެ ވަރަށް ގިނަ ޔުނިވަރުސިޓީތައް ކުރިއެރުވުމަށް ބޭނުންކުރާ އެއް އުކުޅަކީ ވަޤުފާއި އެއް ވައްތަރުގެ ޕްރޮޖެކުޓްތައް ބޭނުންކުރުމެވެ. އެ ގޮތުން އެމެރިކާގެ ފަންސާސް ޔުނިވަރުސިޓީއަކަށް ކުރެވިފައިވާ ވަޤުފުތައް ފާހަގަކުރެވެއެވެ. ވަޤުފަކީ އިސްލާމީ އުފެއްދުމެކެވެ. ނަމަވެސް އެމެރިކާގެ ހަމައެކަނި ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުގެ އަގު މުޅި އިސްލާމީ ދުނިޔޭގައި ތިބި ހުރިހާ ވަޤުފެއް (މިސްކިތްތަކާއި ސަހަރާތައް ފިޔަވައި) އެއްކުރި ކަމުގައި ވިޔަސް އެއްވަރުނުވާކަން ފާހަގަވެއެވެ. އެމެރިކާގެ ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުތަކުގެ އަގު 2004 ގައި އުޅުނީ 132 (ސަތޭކަ ބައްތިރީސް ބިލިއަން) ޑޮލަރުގައެވެ. މިސާލަކަށް ހާވާރޑް ޔުނިވަރުސިޓީގެ ވަޤުފުގެ މިނަކީ 22.6 (ބާވީސް ޕޮއިންޓް ހަޔެއް ބިލިޔަން) ޑޮލަރެވެ. ވަޤުފުގެ ގޮތުން އެންމެ ދަށުގައި އުޅެނީ 1.049 (އެކެއް ޕޮއިންޓް ސުމެއް، ހަތަރެއް، ނުވައެއް ބިލިޔަން ޑޮލަރާއިއެކު) ޔުނިވަރުސިޓީ އޮފް މިޝިގަންއެވެ. މި ކާމިޔާބީގެ ސިއްރަކީ ރަނގަޅު ކަންތައްތަކަށް ހޭދަކުރުމުގެ ޝައުޤުވެރިކަން އެ މީހުންގެ ފިކުރުގައި ހުރުމެވެ. 2004 ގެ ތަފާސް ހިސާބު ދައްކާ ގޮތުން މުޖުތަމަޢުގެ އަށްޑިހަ ޕަސެންޓް މީހުންނަކީ މުޖުތަމަޢު ބިނާކުރުމަށް ޓަކައި ހުޅުވައިލެވޭ މަޝްރޫޢުތަކަށް ޙިއްޞާ ދޭ މީހުންނެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)

ހަތަރެއް: އުޖުރަ ލިބޭގޮތަށް ޚިދުމަތްތައް ހުޅުވާލުން: މިސާލަކަށް ޔުނިވަރުސިޓީގެ ފެކަލްޓީތަކުގައި އެ ފެކަލްޓީއަކަށް ޚާއްސަ މަސައްކަތްތައް އާއްމު ރޭޓަށްވުރެ ހެޔޮކޮށް އަދި އެއަށްވުރެ ކޮލެޓީކޮށް ވިޔަފާރި އުސޫލުން ހުޅުވާލުމެވެ. މިސާލަކަށް ގެތައް ޑިޒައިން ކުރުމާއި ކޯޓުތަކުގައި ވަކާލަތުކުރުމާއި އޮޑިޓުކުރުމާއި އަދި ވެސް ކިތަންމެ ޚިދުމަތެކެވެ. މުސްކުޅި ދަރިވަރުން ބޭނުންކޮށްގެން ވަރަށް ފަސޭހައިން އެ ޚިދުމަތް ދެވިދާނެއެވެ. ރަނގަޅު އެއްޗެއްވެސް ޔުނިވަރުސިޓިއަށާއި އެކަމުގެ ބައިވެރީންނަށް ލިބިދާނެއެވެ. އަދި މުޖުތަމައަށް ބޭނުންވާ ޚިދުމަތެއް އިތުބާރުކުރެވޭގޮތަށް ދެވިދާނެއެވެ.

ފަހެއް: ޔުނިވަރުސިޓީތައް ގާނޫނަކުން އިސްތިސްނާކުރުން: ސަރުކާރަށް ނުވަތަ މަޖިލީހަށް ފަސޭހައިން ބަދަލުނުކުރެވޭނެގޮތަށް ގާނޫނު އަސާސީއަށް ތަޢުލީމީ ކަންތައްތައް އިސްތިސްނާވާގޮތަށް “އެކަޑަމިކް މިނިވަންކަން” ދެމެހެއްޓޭ މާއްދާތަކެއް ވެއްދުމެވެ. އެހެންވެއްޖެ ނަމަ މަންހަޖުތައް ނުވަތަ ސައިންޓިފިކް ރިސާޗްތައް ސިޔާސީވުން ހުއްޓުވޭނެއެވެ.

ހަޔެއް: އިވެލުއޭޝަންކުރުމަށް ޚާއްސަ ތަންތަން ސިޔާސީ ކަންކަމުން ވަކިކުރުން (މިނިވަން ފަރާތްތެއްގެ ގޮތުގައި ބޭއްވުން): ކޮލިޓީ އެޝުއަރެންސް އަދި އެކްރެޑިޓޭޝަންގެ ބޯޑުތައް (މިސާލަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ “އެމް.ކިޔު.އޭ” ފަދަ) ތަންތަން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ނުވަތަ ޕާލަމެންޓްގެ ބާރުން މުޅިން މިނިވަންކޮށް ވަކި މުސްތަގިއްލު ބޯޑުތަކަށް ބަދަލުކުރެވެ. އަދި އެތަންތަން ބަލަހައްޓަން ޖެހޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވެފައިވާ ތަޖުރިބާކާރުންކަމަށް ކަނޑައެޅުމެވެ. އެއީ އެ މަސައްކަތަކީ ޕްރޮފެޝަނަލް ކަމަކަށް ހެދުމަށެވެ. އަދި ސިޔާސީ ނުފޫޒުން ދުރުކުރުމަށެވެ.

ހަތެއް: އަމިއްލަ ޚިޔާލެއް: ދިވެހިރާއްޖޭގެ މާލޭގައި ހުރި ދެ ޔުނިވަރުސިޓީ ވެސް ރާއްޖެ ތެރެއިން އެންމެ އާބާދީ ކުޑަ އެންމެ ތަރައްޤީ ކުޑަ ދެ އަތޮޅެއް ފާހަގަކޮށް ކޮންމެ ޔުނިވަރުސިޓީއަކަށް ބޮޑު ރަށެއް ހުސްކޮށް އެ ތަނުގައި ޔުނިވަރުސިޓީއާއި ކިޔަވާ ކުދީންގެ ބޯޑިންގާއި އެހެނިހެން ބައިތައް ބިނާކޮށް ދިވެހިރާއްޖޭގެ އެތެރެއާއި ބޭރުން ކުދިން އައިސް ކިޔަވަން ތިބޭ ކަހަލަ ރަނގަޅު މާހައުލެއް ގާއިމުކުރުމެވެ. އެއިރުން އެ އަތޮޅެއް ވެސް ތަރައްޤީވުމަށް މަގުފަހިވެގެން ދާނެކަމަށް ފެނެއެވެ. އަދި މާލޭގައި ހުރި ޔުނިވަރުސިޓީގެ އިމާރާތްތަކާއި ބިންތައް ޔުނިވަރުސިޓީގެ ޚާއްސަ ވަޤުފެއްގެ ގޮތުގައި ހަމަޖައްސައި އެއިން ލިބޭ އާމުދަނީ ޔުނިވަރުސިޓީގެ ޚަރަދަށް ބޭނުންކުރުމެވެ. މިހެން ދަންނަވަން ޖެހުނީ މާލެއަކީ އެއްވެސް ހާލެއްގައި ޔުނިވަރުސިޓީއަކަށް ކަމުދާ މާހައުލެއް ނޫން ވީމައެވެ. ނަމަވެސް އެއީ ރަނގަޅު ވިޔަފާރި ހަބެކެވެ. އެހެންކަމުން އެތަނުގައި ދަރިވަރުންނާއި މުދައްރިސުން ތަގުޅި ތެޅިގެން އުޅުމަށްވުރެ އެތަންތަނުން ރަނގަޅު އާމުދަނީއެއް ލިބިގަތުމަށްފަހު ބިންތަނަވެސް ޢިލްމަށް ފަހި މާހައުލަކަށް ބަދަލުވެގަތުން ބުއްދިވެރިވާނެކަމަށް ފެންނާތީ އެވެ.

އިލްތިމާސް:

އެކެއް: ޔުނިވަރުސިޓީތަކުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިމައްސަލަ ހައްލުކޮށްދެއްވުންއެދި ހުށަހެޅުމެވެ.

ދޭއް: މީޑިއާ މެދުވެރިކޮށް މުޖުތަމައުގައި މިމައްސަލަ ފެތުރުމެވެ.