English Edition
Dhivehi Edition
ރައީސް މުއިއްޒު އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއާއެކު

ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްސަލައިގައި ދިވެހިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، އިނގިރޭސިވިލާތާއެކު ރަސްމީކޮށް މަޝްވަރާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ޕްރައިމް މިނިސްޓަރު އެންޑީ ބާންހަމްއަށް ދައުވަތު ދެއްވައިފިއެވެ.

ރައީސް މި ދައުވަތު ދެއްވާފައިވަނީ އިނގިރޭސި ޕްރައިމް މިނިސްޓަރަށް ފޮނުއްވި ހާއްސަ ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން ނިންމަން އުޅޭ ނިންމުމާ ގުޅިގެން ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ.

އެގޮތުން، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން ކުރާ މަސައްކަތްތަކަކީ ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. ސަބަބަކީ ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް ފޯޅަވައްސަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް އަދި ރާއްޖޭގެ ތަނެއްކަމަށް ފެންނަން އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެ ގޮތަކަށް އަމަލުކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިންގެ ހައްގުތައް ރައްކާތެރިކުރެވޭނެ މަގަކުން ކަންކަން ކުރިއަށް ގެންދިއުމަށް އިނގިރޭސި ސަރުކާރަށް ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓަވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ އަރުވާފައެވެ. އަދި މި ސިޓީފުޅާއެކު ދެ ގައުމުގެ ދެމެދުގައި ފޯޅަވަހީގެ މައްސަލައިގައި އަވަސް މުސްތަގުބަލެއްގައި ރަސްމީ ވާހަކަތައް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.