ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަމުގެ ހާއްސަ ހިނގާލުން މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.
ފުލުހުން ބުނީ މި ހިގާލުންތަކުގެ ތެރެއިން މާލެ އޭރިއާގެ ފުލުހުން ބައިވެރިވި ހިނގާލުން މިއަދު ހެނދުނު 6:00 އިން ފެށިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެ ވަށާ ހިނގާގޮތަށް ކަމަށެވެ. ޖުމްހޫރީ މައިދާނުން ފެށި މި ހިނގާލުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިހްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން، އެކި ރޭންކުތަކުގެ ގިނައަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ ޚިދުމުގެ އާއްމު މުވައްޒަފުން ހިމެނޭ ގޮތަށް 1000 އަށްވުރެ ގިނަ މުވައްޒަފުން މި ހިނގާލުމުގައި ބައިވެރިވިއެވެ.
ރަށްރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކުގައި ވެސް އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވެފައިވާއިރު ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ ސެޕްޓެމްބަރު 1، 2004 އިން ފެށިގެން މިއަދާ ހަމައަށް، ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެއެވެ. އަދި “ޕޮލިސް ފެމިލީ ނައިޓް” ވެސް ސޯޝަލް ސެންޓަރުގައި މިރޭ އޮންނާނެއެވެ.