ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހެނދުނު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ، އޭގެ ތެރެއިން ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 7:44 އެހާކަންހާއިރު، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 62 އަހަރުގެ ބައްޕައަކަށާއި، ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށެވެ. އެ ދެ މީހުންނަށް ވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ބައްޕަގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުގެ ސަބަބުން ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތިން ދުއްވާފައި ދިޔަ ކާރަކާއި މި ދެބަފައިން ތިބި ސައިކަލު ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު އިއްޔެ ވަނީ ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.
އެ ހާދިސާގައި ނިޔާވެފައިވަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ ޒީވާ ސިނާން އަހުމަދެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ވިނަރެސް ފްލެޓް ކައިރިއަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ. މިއާއެކު މަގުމަތީގެ ސަލާމަތަށް އިތުރު ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އާންމުންނަށް އިލްތިމާސްކުރަމުންނެވެ.