English Edition
Dhivehi Edition
ފްލައި ނަސް

ސައުދީ އަރަބިއްޔާގެ ރިޔާދާއި ރާއްޖެއާ ދެމެދު ބަޖެޓް އެއާލައިން، ފްލައިނާސް އިން ކުރާ ޝެޑިއުލް ދަތުރުތައް އިއްޔެ އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފެށުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކޮށް، މެދުއިރުމަތިން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ފަސޭހަ މަގުތަކެއް ހޯދައިދިނުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލް އިން ބުނީ ފްލައިނާސް އިން ސައުދީގެ ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. މި ދަތުރުތަކަށް ބޭނުންކުރާނީ އެ އެއާލައިންގެ ހާއްސަ ފްލައިޓުތަކެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން ރާއްޖެ އައި ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓަކާއެކު މަރުހަބާ ކިޔާފައެވެ. އަދި އެ ބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށްޓަކައި ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ރިޔާދާއި ރާއްޖެއާ ދެމެދު ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެމްއޭސީއެލް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ފްލައިނާސްގެ މި ދަތުރުތަކަކީ ވެސް އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.