ދިވެހިރާއްޖޭގެ ނުވަވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) މިއަދު ރަސްމީކޮށް ހުޅުވައި، ސޮފްޓް އޯޕެނިންގްއަކާ އެކު ހިދުމަތް ދޭން ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ ބޭންކިން ލައިސަންސް ދިނުމާ ގުޅިގެން، ބޭންކުން ވަނީ ކަސްޓަމަރުންނަށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި މިއަދު މަސައްކަތްތައް ފަށާފައެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، ބޭންކުގެ މައިގަނޑު ތަސައްވުރަކީ ގުޅުން ބަދަހި ބޭންކިން ހިދުމަތްތަކާއި، ވަރުގަދަ ގަވަނަންސް، އިންޓަނޭޝަނަލް އެންމެ ރަނގަޅު އުސޫލުތައް އަދި ފަރުމާ ފުރިހަމަ ޓެކްނޮލޮޖީ އެއްކޮށްލައިގެން ކަސްޓަމަރުންނަށް އިސްކަންދޭ ޒަމާނީ ބޭންކިން ތަޖުރިބާއެއް ރާއްޖެއަށް ގެނެސްދިނުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ދިވެހި އިގްތިސާދަށް ފެންވަރު ރަނގަޅު ހިދުމަތްތަކާއި ދިގުމުއްދަތުގެ މަންފާ ފޯރުކޮށްދޭ، އިތުބާރު ހުރި މާލީ އިދާރާއަކަށް ވުމަށް ބޭންކުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޕީބީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޗެއާޕާސަންގެ މަގާމަށް އައިޝާ NUރައިން ޖަނާހް އައްޔަންކޮށްފައިވާއިރު، ބޯޑުގައި ރަހީމާ ސަލީމް، މަރިޔަމް ޝާހިދާ މުހައްމަދު، އިސްމާއިލް އަލީ މަނިކު، މުހައްމަދު ހުސައިން މަނިކު އަދި ސުޖާތާ ހަލީމް ހިމެނިވަޑައިގަންނަވައެވެ. ބޭންކުން ބުނި ގޮތުގައި މެނޭޖްމަންޓް ޓީމަކީ ބޭންކިން ޓެކްނޮލޮޖީ، އޮޕަރޭޝަންސް، ރިސްކް، އަދި ހިއުމަން ރިސޯސަސްގެ ދާއިރާތަކުން އޭޝިއާ، އެފްރިކާ، ޔޫރަޕް އަދި ޕެސިފިކް ހިމެނޭހެން ދުނިޔޭގެ 14 ގައުމެއްގައި މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި އިންޓަނޭޝަނަލް ތަޖުރިބާ ހޯދާފައިވާ މާހިރުންނެވެ.