ކުޑަކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖުތަކުން ނެގުމަށް އިލްތިމާސްކޮށްފިއެވެ.
މިފަދަ ވީޑިއޯތައް ފެތުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެކެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.
ފުލުހުން ވަނީ ވީޑިއޯ ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމާއެކު މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެހެން ފަރާތްތަކުންވެސް ސޯޝަލް މީޑިއާގައިވާ މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ފުލުހުން ވަނީ އެފިއެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.