English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ރާއްޖެއަށް ހައްގުވާ ފުރިހަމަ އިގްތިސާދީ ތަނަވަސްކަން ހޯދައިދެވޭނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ 6 ވަނަ ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ކަނޑުގެ ވަސީލަތްތަކުން ލިބެންޖެހޭ އިގްތިސާދީ މަންފާ ފުރިހަމައަށް ހޯދައިދިނުމަށެވެ. އެގޮތުން މި ސިމްޕޯޒިއަމްގައި ހުށަހެޅޭ އިލްމީ މަސައްކަތްތަކަކީ އަގުހުރި މަސައްކަތްތަކެއް ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހު ބަދަލުކުރެވޭ މައުލޫމާތުތަކަކީ ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ބެލެހެއްޓުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމުގައި ވިދާޅުވި އެވެ.

ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ސިޔާސަތުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ގައުމަކަށް ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު މުއްސަނދިކުރުމާއެކު، ސައިންޓިފިކް ދާއިރާގެ ގާބިލުކަން އިތުރުކުރުން މުހިންމު ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ހަމައެކަނި އިލްމު އުނގެނުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، އެއީ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި ދިރާސާވެރިން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ ރަހުމަތް ކަމުގައިވާ ކަނޑުފަޅުގެ މާހައުލު ރައްކާތެރިކުރުމަށް އަންނަން އޮތް ޖީލުތައް ތައްޔާރުކުރުން ކަމަށްވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.