English Edition
Dhivehi Edition
ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއެކު

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކޮށް، ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސާ ދުރޫޕަދީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެސް ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ރައީސާއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، އެގައުމުން އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހައާއި ތަނަވަސްކަން ގާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ރައީސް ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި އިސްތިރާޖީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް މުއިއްޒުގެ ތަހުނިޔާއަށް ޝުކުރު އަދާކުރައްވައި ބޮޑުވަޒީރު މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.