ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފިއެވެ.
މި އިއްޒަތް އަހްމަދު ޝާކިރަށް އެރުވީ، މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ކަށިމާ އަހްމަދު ޝާކިރު ދިވެހި ދައުލަތުގެ ހިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލު ކަމާއި، ޝިޕިން މާސްޓާކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައިވެއެވެ.
ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަގާމުވެސް ފުރުއްވިއެވެ. މީގެއިތުރުން ކަށިމާ އަހްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ޗާޕުޚާނާއިން ފެށްޓެވި ހިދުމަތުގެ ތެރެއިން ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި ކަށިމާ ޝާކިރަކީ ރާއްޖޭގެ ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަހްބޫލުކަމެއް ހޯއްދެވި ފަންނާނެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކުން ފެށިގެން އޮލިމްޕިއަންސް ޝޯތަކާއި، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ހުށަހަޅުއްވައިދެއްވިއެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން ޣާޒީ ބަންޑާރައިން، ދޮންހިޔަލައާއި، އަލިފުޅު އަދި ތަރާގަނޑުގެ ކަށިގަނޑު ފަދަ އެތައް ޓެލެޑްރާމާއަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި ތަރިން ތަމްރީނުކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމާއި، ތާރީހީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަހްމަދު ޝާކިރު ގެންދަވަނީ، ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި 640 ސަފްހާގެ “ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ” މި ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމް ލިޔުއްވުން ހިމެނެއެވެ. މީގެއިތުރުން “އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް” މި ފޮތާއި، “ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު” ފޮތާއި “ދިވެހިރާއްޖޭގެ ފައިސާގެ ތާރީހު” ފޮތުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ތާރީހު ފޮތްތަކާއި ރާއްޖޭގެ އިސް ހިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައްވެސް ވަނީ ލިޔުއްވާފައެވެ.
އަހްމަދު ޝާކިރު ވަނީ އުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީއާ ހާސިލުކުރައްވާފައެވެ. އެމަނިކުފާނަށް މީގެ ކުރިން ތަމްސީލު ކުޅުމުގެ ރޮނގުންނާއި، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ނޫސްވެރިކަމުގެ ރިހިގަލަން، އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ “ހަސަން ތާޖުއްދީން އެވޯޑް” ލިބިވަޑައިގެންފައިވެއެވެ.
2025 ވަނަ އަހަރު ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި އެވޯޑުވެސް ހާސިލުކުރެއްވިއެވެ. ކަށިމާ އަހްމަދު ޝާކިރަކީ މިހާރުވެސް ހިދުމަތުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީހުގެ އިސްވާރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންވެސް މެއެވެ.