English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް”ގައި މިރޭކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗު މިކްސް ސިކްއިން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ އެޓީމް ކަށަވަރުކުރީ ޗެމްޕިއަންޓީމާ ބައްދަލުކޮށް 3-2 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިކްސް ސިކްސްގެ ޖާޒީ ނަމްބަރު 11 އަހުމަދު ދީދީއެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންޓީމުގެ ޖާޒީ ނަމްބަރު 8 ރިޝްމާ އިބްރާހީމެވެ. މިރޭގެ މެޗުން ޗެމްޕިއަން ޓީމް ބަލިވިޔަސް ފައިނަލުގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު އެޓީމަށް އަދި ނުގެއްލެއެވެ. މާދަމާރޭ ކުޅޭ ސެމީގެ ދެވަނަމެޗުން މޮޅުވާ ޓީމަކާ ޗެމްޕިއަންޓީމް ބައްދަލުކޮށް މޮޅުވެއްޖެނަމަ އެޓީމަށް ފައިނަލުން ޖާގަ ލިބޭނެއެވެ. މާދަމާރޭ ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާނީ ކުލަބު އީޖީޕީއާއި، ޓީމް ޕެޓޫއެވެ. މި މެޗުން މޮޅުވާ ޓީމް ތިންވަނަ ސެމީގައި ބައްދަލުކުރާނީ މިރޭގެ މެޗުން ބަލިވި ޗެމްޕިއަންޓީމާއެވެ. ތިންވަނަ ސެމީ ކުޅޭނީ ހޮނިހިރު ދުވަހުގެރޭގައެވެ. މި މުބާރާތަކީ ފޭދޫ ޒުވާނުން އިސްނަގައިގެން މިރޯދަމަހު ބާއްވަމުންދާ މުބާރާތެކެވެ. މަގުސަދަކީ ކުޅިވަރުގެ ރޫހު އެރަށުގައި އާލާކޮށް ދިރުވުމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާއި، ދި ފޭދޫ ސްޕޯޓްސް ކުލަބާއި، ބެންކުއިޓުގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.