ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށްގެންދަވާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއަކަށް ހުޅުވާލައިފިއެވެ. މި ސިލްސިލާއަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ސީދާ ރައީސްއާ ހިއްސާކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ.
މިފަހަރު “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގައި ބައިވެރިވާން ނަން ނޯޓުކުރުމަށް ހުޅުވާލާފައިވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށެވެ. ރައީސް އޮފީހުން ބުނީ މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން އެ އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ރައީސްއާ ސީދާ ވާހަކަދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ބައިވެރިކުރެވޭނެ ކަމަށް އޮފީހުން ބުނެއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް އިސްކަންދެއްވާ ކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު މި ސިލްސިލާގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
މީގެ ކުރިންވެސް “ރައްޔިތުންގެ އަޑު” ސިލްސިލާގެ ތެރެއިން 8 ދާއިރާއަކުން ވަނީ ބައިވެރިވުމަށް ހުޅުވާލާފައެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، ހުޅުމާލެ މެދު ދާއިރާ، މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ.