ކުރިއަށް އޮތް އެމްޑީޕީގެ ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހް މި ގޮތަށް ނިންމެވީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމަކަށް ފަހުގައެވެ. މިއީ އެމަނިކުފާނަށް ތާއީދުކުރައްވާ ސިޔާސީ ފަރާތްތަކުން، ރިޔާސީ ޕްރައިމަރީއާ މެދު ވަކި ގޮތެއް ނުނިންމަވައި ގިނަ ދުވަސްތަކެއް ވެގެން ދިއުމުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވި ފަހުން، ރައީސް ސޯލިހް ސިޔާސީ މައިދާނުން ބޮޑަށް ފެނިގެން ގޮސްފައެއް ނުވެއެވެ.
ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ މަޝްރަހަށް ބަލާއިރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ފާޅުކުރައްވާފައެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އިޝާރާތް ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.
ރައީސް މުހައްމަދު ނަޝީދު ކުރިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަނުކުރައްވާނެ ކަމަށާއި، ފައްޔާޒު އިސްމާއީލް ޕްރައިމަރީގައި ވާދަކުރައްވާނަމަ ތާއީދު ކުރައްވާނީ ފައްޔާޒަށް ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައިވެސް ރައީސް ސޯލިހް ވަނީ ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.