English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، 59 އަހަރުގެ މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ދަފްތަރު ނަންބަރު 07/ ސ. މީދޫ، އަބްދުލްވައްހާބު އަހްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް މީދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައިވަނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.