ގދ. ގައްދޫގައި މިއަހަރުގެ ތެރޭގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ގީލާ އަލީ ވިދާޅުވި ގޮތުގައި، ގައްދޫގައި ޑަޔަލިސިސް ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އެ ރަށުގައި މިއަހަރުގެ ތެރޭގައި ޑަޔަލިސިސްގެ ހިދުމަތް ދޭން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ގައްދޫގައި މިހާރުވެސް އާންމު ސިއްހީ ހިދުމަތާއި ލެބޯޓްރީގެ ހިދުމަތް ލިބެމުންދާއިރު، މި ސަރުކާރުން ވަނީ އަލަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ފަރުވާ އާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ފަރުވާގެ ހިދުމަތް އެ ރަށުގައި ފަށާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.