ރާއްޖޭގެ ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައި 99,886 ޓޫރިސްޓުންގެ ތެރެއިން 87.3 ޕަސަންޓު މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ރިސޯޓުތަކުގައި ދެވަނައަށް އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ސްވިޒަލޭންޑްގެ ޓޫރިސްޓުންނެވެ. އެ ގައުމުން އައި 24,380 ޓޫރިސްޓުންގެ ތެރެއިން 86.3 ޕަސަންޓު މީހުން ރިސޯޓުތަކުގައި ތިބިއިރު، ތިންވަނައިގައި އޮތް ރަޝިއާއިން އައި 184,927 ޓޫރިސްޓުންގެ ތެރެއިން 81.5 ޕަސަންޓު މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 73.1 ޕަސަންޓު ނުވަތަ 922,974 ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. ރާއްޖޭގައި މިވަގުތު ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 184 ރިސޯޓު (45,865 އެނދު) އޮޕަރޭޓުކުރަމުންދާއިރު، މިއީ ރާއްޖޭގައި އޮޕަރޭޓުކުރާ އެނދުގެ 66 ޕަސަންޓެވެ.