English Edition
Dhivehi Edition
ސިފައިންގެ ޑްރޯންއަކުން ކަނޑުމަތި ބަލައި ފާސްކުރަނީ: ފޮޓޯ އެމްއެންޑީއެފް

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމުގެ އޮޕަރޭޝަނަށް، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

“ފްރެންޑް 4” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްއަޑިއަށް ދިޔައީ ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދޫ އަތޮޅަށް ދަތުރުކުރަނިކޮށެވެ. ހާދިސާ ހިނގިއިރު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތްކުރެވުނު ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދެ ސިފައިންނާއި ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

ގެއްލިގެން ހޯދަމުންދާ ތިން މީހުން:

  • ސާޖަންޓް އަލީ ނާފިއު (33 އަހަރު): ނ. މަނަދޫ
  • ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަރު): އެމްއެންޑީއެފް
  • މުހައްމަދު ހަމްދޫން (35 އަހަރު): ތ. މަޑިފުށި (ދޯނީގެ ކައްޕި)

ކޯސްޓްގާޑުން އަންނަނީ ވައިގެ މަގުން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓް ބޭނުންކޮށްގެން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލަމުންނެވެ.