“ދަނޑުވެރި މަންފާ” ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި އިސްލާމިކް ފައިނޭންސިންގެ ނިޒާމުގެ ދަށުން “ދަނޑުވެރި ނަފާ” ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލާއިފިއެވެ.
ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާޙު ކުރެއްވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހއ.ކެލަޔަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިއީ، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ގުޅިގެން ހިނގަމުންގެންދާ ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމުގެ ދެވަނަ ބުރެވެ. އަދި މިއީ ވުޒާރާގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ “ނަފާ ލޯން ސްކީމް” އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ސްކީމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.
“ދަނޑުވެރި މަންފާ” ސްކީމް އަމާޒުކުރަނީ، ‘މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ފުރުޞަތު ހުޅުވާލީ ހަމައެކަނި، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ.