English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓަކާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ދެކޮޅަށް ކުރެވެމުންދާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލިމީހުންގެ ރައްކާތެރިކަމާއި، ކަރާމާތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން ދޭ ހިދުމަތްތަކެއް ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމަކާއި މައްސަލައެއް ވަރަށް ސީރިއަސްކޮށް ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނީ މިންގަނޑުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

އަދި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަކީ އެ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކޮށް، ހޮސްޕިޓަލުން ބުނީ ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށާއި ސިއްހީ ހިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބި، ސިއްހީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭތީ ކަންބޮޑުވާ ކަމަށެވެ.

އެހެންކަމުން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމުން، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރާނީ ރައްކާތެރި އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.