English Edition
Dhivehi Edition
ރިސޯޓެއް

ރާއްޖޭގެ 15 ސަރަހައްދެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ. ފަހުގެ ތާރީހެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ހުޅުވާލި މި ބުރުގައި އެންމެ ގިނައިން ހިމެނެނީ އުތުރުގެ އަތޮޅުތަކުގެ ފަޅުތަކެވެ. އެގޮތުން އުތުރުން 10 ފަޅެއްގައި ރިސޯޓު ހަދަން ވަނީ ހުޅުވާލާފައެވެ.

އުތުރުގެ އަތޮޅުތަކުން ބީލަމަށް ހުޅުވާލި ފަޅުތަކުގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅާއި، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅުގެ އިތުރުން ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެއް ކަމަށާއި، މަދުވެގެން 150 އެނދު ތަރައްގީކުރަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މި 15 ސަރަހައްދުގެ ތެރޭގައި ހަލާލް ޓޫރިޒަމަށް ހާއްސަ 3 ސަރަހައްދެއްވެސް ހިމެނެއެވެ. އެއީ ހދ. މަކުނުދޫ ފަރުން ފަޅަކާއި، ލ. ފޮނަގާދޫ އަދި ސ. ދޮންހެރައެވެ. އިސްލާމީ އުސޫލުތަކަށް ތަބާވެގެން ހިންގަންޖެހޭ މި ރިސޯޓުތަކުގައި ރާއާއި އޫރުމަސް ވިއްކުން މަނާވާނެއެވެ. އަދި މި މަޝްރޫއުތަކަށް އިމްޕޯޓް ޑިއުޓީން 20 ޕަސަންޓުގެ އިނާޔަތެއް ލިބޭނެއެވެ.

މި ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް 36 މަސްދުވަހުގެ މުއްދަތެއް ދޭނެއެވެ. އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 ޕަސަންޓުގެ އިނާޔަތެއް ލިބޭއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އަށެވެ.