އައްޑޫ ސިޓީގެ ނޭޗަރ ޕާކު މަރާމާތުކޮށް، އެ ތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ۔
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް އަލުން ތަރައްގީކުރުމުގެ ކުރިން ވަނީ ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ۔ އަދި މި މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން މިހާރު ވަނީ އައްޑޫ ސިޓީއަށް ގޮސް، މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައެވެ.
މީގެ އިތުރުން މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، މަޝްރޫއުގެ މައުލޫމާތު ހިމެނޭ ބޯޑުތައްވެސް ވަނީ ހަރުކޮށްފައެވެ.މި މަޝްރޫއުގެ ތެރެއިން އައްޑޫގެ ގުދުރަތީ ރީތިކަން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމާއެކު ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދީ، ސަރަޙައްދީ އިކޯ-ޓޫރިޒަމް ފުޅާކުރުން ހިމެނެއެވެ.
މިއީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑް ގެ އެހީތެރިކަމާއެކު، ޔޫއެންޑީޕީ ގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ۔
މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ އަދި ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެ ސިޔާސަތުގެ ދަށުން 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.