ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުވެރިކޮށް އިދިކޮޅު އެމްޑީޕީ އިން އެންމެ ގިނައިން ސުވާލުކޮށްފައި ވަނީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ކަމަށް އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
މެމްބަރު ކުޑޫ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ތަފްސީލުތަކުގައިވާ ގޮތުން، މަޖިލީހުގައި ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް އެމްޑީޕީން ޖުމްލަ 258 ސުވާލުގެ ނޯޓިސް ފޮނުވާފައިވެ އެވެ. އޭގެ ތެރެއިން 180 ސުވާލެއް އަމާޒުކޮށްފައި ވަނީ އެންމެ ގިނައިން ސުވާލުކުރެވުނު 8 ވަޒީރުންނަށެވެ.
އެ މައުލޫމާތުގައިވާ ގޮތުން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް އެކަނިވެސް 56 ސުވާލެއްގެ ނޯޓިސް ވަނީ ފޮނުވައިފައެވެ.
މިނިސްޓަރު މުއްތަލިބުގެ އިތުރުން އިދިކޮޅު މެމްބަރުންގެ ސުވާލުތައް އެންމެ ގިނައިން އަމާޒުވި ވަޒީރުންގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު (26 ސުވާލު)، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (22 ސުވާލު) އަދި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު (20 ސުވާލު) ހިމެނިވަޑައިގަންނަވައެވެ.
ގޯތިގެދޮރާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ތެރެއިން ގިނަ ސުވާލުތަކެއް ކުރެވެމުންދާއިރު، ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައިގެންނާއި ލިޔުމުން ޖަވާބު ދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.