ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މީހުން މަޅީގައި ޖެއްސުމާއި އިންސާނީ ވަގުފާރި ހިންގުން އިތުރުވަމުންދާތީ، އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ރާއްޖޭގެ ނިޒާމީ އިޖާބަ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތުގެ ދުވަހާ ގުޅުވައިގެން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، މިއަހަރުގެ ޝިއާރު ކަމަށްވާ “ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް” ނުވަތަ “މަކަރާއި ހީލަތުން ގައިދުކޮށްފައި” އިން ހަނދާންކޮށްދެނީ މީހުން ޓްރެފިކްކުރުމުގެ ކުށް އާންމު ވައްޓަފާޅިން ބޭރުވެ، ބަދަލުވަމުންދާ ނުރައްކަލަކަށް ވެފައިވާ ކަމެވެ. ހާއްސަކޮށް، ވަޒީފާގެ ދޮގު އުންމީދުތައް ދީގެން އޮންލައިންކޮށް މީހުން ގޭންގުތަކުގެ މަޅީގައި ޖެއްސުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާތީ، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ރާއްޖޭގެ ފިޔަވަޅުތައްވެސް ވަރުގަދަކުރަންޖެހޭ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
އިންސާނީ ވަގުފާރިއާއި ނަހަމަ ބޭނުން ހިފުން ހުއްޓުވުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން ދާޚިލީ ވުޒާރާއިން ބުނީ މަސައްކަތްތެރިކަމާ ގުޅޭ ސަރުކާރުގެ ހުރިހާ އިދާރާތަކާއި ބަހާތައް އެއް ކުޑަދަށަކަށް ބަދަލުކުރުމާއެކު، މައްސަލަތައް ވިލަރެސްކުރުން އިތުރަށް ހަރުދަނާވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ކުށާ ދެކޮޅަށް ސަރުކާރުގެ އިދާރާތަކުން ކުރިއަށްއޮތް ތަނުގައި އަމަލުކުރާނެ މަގުޗާޓެއްގެ ގޮތުން “މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028” އެކުލަވާލައި، މިހާރު އަންނަނީ ޢަމަލީ ގޮތުން ތަންފީޒުކުރަމުންނެވެ.
މީގެ އިތުރުން، ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިކުރުމަށްޓަކައި ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދެއެވެ. އަދި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި އައުމަށްފަހުވެސް އެމީހުންގެ ޙައްޤުތަކަށް ހޭލުންތެރިކުރުވުމާއި، މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމުގެ ޕްރޮގްރާމްތައް ފުޅާކުރެވެމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖެއަކީ ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން ބޮޑު ހުޅުވާލެވިފައިވާ އިޤުތިޞާދެއް އޮތް ޤައުމަކަށް ވީހިނދު، ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ބޮޑު ޒިންމާއެއް ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެންމެން ގުޅިގެން ބިރުވެރިކަމެއް ނެތި އަމާންކަމާއެކު ދިރިއުޅެވޭނެ މުޖުތަމަޢެއް ބިނާކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ،