English Edition
Dhivehi Edition

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ފާރިސް މައުމޫން ދޫކޮށްލައިފި ކަމަށް އޭނާގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ފާރިސްގެ ވަކީލް ހުސެއިން ޝަމީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ދޫނިދޫ ޖަލުން ފާރިސް ދޫކޮށްލުމުން ފާރިސް އާއި އެކު މިހާރު މާލެ އަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ދިމާކޮށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސް ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށްފަހު ބަންދުގައި ހުންނަތާ 191 ދުވަސް ފަހުން ފާރިސް ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން، ރިޝްވަތުގެ އެހެން ތުހުމަތު ތަކެއްގައި ފާރިސް އަލުން ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފާރިސްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އެދުވަހުވަނީ ޖަހާފައެވެ.