ރާއްޖޭގެ ޒުވާނުންނާއި އަންހެނުން ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން، އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް (ޔޫތު ޕާލަމަންޓް) ގާއިމުކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންނާއި އަންހެނުން ކަމަށްވުމާއެކު، ޤައުމުގެ ހިންގުމުގެ ނިޒާމާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ޒުވާނުންގެ މަޖިލިސް އެކުލަވާލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރެއިން ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ސަބަބުން ގައުމީ ފެންވަރުގައި ނިންމާ ނިންމުންތަކުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބިގެންދާނެއެވެ.
ޒުވާނުންނާއި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 5,600 އަށްވުރެ ގިނަ ޒުވާނުންނަށް ފުރުސަތު ލިބޭނެ ލޯނު ސްކީމެއް ދާދިފަހުން ތައާރުފްކުރެވިފައިވާކަމަށެވެ. ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުމަށްޓަކައި ޒުވާނުންނާއި އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި އަދި މަސައްކަތްތެރި ޒުވާނުން އުފެއްދުމަށްޓަކައި ވަތަނީ ހިދުމަތުގެ ހަރަކާތްތައް ކުރިއަށްދާކަން.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސިޔާސަތުތަކުގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި ބިނާކުރަނިވި އަދި ގައުމުދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.