English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުމަތީގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ގާއިމުކުރި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އާ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުސީސީއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކާއި، ކަނޑުވެގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިއު) އޮޕަރޭޝަންތައް ކޯޑިނޭޓްކުރާ މައި ސެންޓަރެވެ.

މި ސެންޓަރުގެ އާ އިމާރާތުގެ ބިންގާ ޖޫން 23, 2022 ގައި އަޅާފައިވާއިރު، މި އިމާރާތާއެކު މުވާސަލާތީ އަދި ކަނޑުމަތި ބެލެހެއްޓުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ބަދަލާއެކު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ އަވަސްމިނާއި ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

އަލަށް ގާއިމުކުރެވުނު އިމާރާތުގައި ހިމެނޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީކޮށް ތަމްރީނުތައް ހިންގުމަށް ހާއްސަ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މިފަދަ ޒަމާނީ ވަސީލަތްތަކާއެކު، ކަނޑުމަތީގައި ހިނގާ ތަފާތު ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.