ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދު ނެރުނު މޫސުމީ އެޑްވައިޒަރީއެއްގައެވެ. އެ އިދާރާގެ އެޑްވައިޒަރީގައިވާ ގޮތުން، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން އުޅޭނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ. މީގެ އިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިއްޔެ ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވަނީ ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. ސްކޫލު ބަންދު ނިމި، ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.