English Edition
Dhivehi Edition
61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޙަފްލާ

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު ދެއްވައިފިއެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ބޭފުޅުންގެ ހިދުމަތުގެ އަގުޒަންކުރައްވައި ޝަރަފު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށެވެ. މިއީ އެ ބޭފުޅުންގެ ހިދުމަތުގެ އަގުޒަންކުރެއްވުމުގެ ގޮތުން އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ދެވުނު އިނާމުތަކެކެވެ.

މި އިނާމުތައް ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބޭފުޅުންގެ ރެކޯޑުތައް ހޯއްދެވުމަށްފަހު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ. އަދި އެ މައުލޫމާތު ކޮމިޓީން ދިރާސާކުރައްވައި، އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުންނަށް ވަނީ އިނާމު އަރުވާފައެވެ.