ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ސ.މީދޫ އަލިވާގެ އަބްދުﷲ ސައީދު ހައްޔަރު ކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަބްދުﷲ ސަޢީދުގެ އިތުރުން ފުލުހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމާއި ޙަވާލު ހުންނެވި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ވެސް ހައްޔަރު ކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ދަނޑިވަޅަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއް ކަމުން، އަބްދުﷲ ސަޢީދު ހައްޔަރުކޮށްފައި ވަނީ، ހައްޔަރު ކުރާ ސަބަބު ބަޔާން ކުރާ ކޯޓު އަމުރަކާއި ނުލައެވެ.
ފުލުހުން އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސަޢީދު ހައްޔަރު ކޮށްފައިވާއިރު، މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާޝަލް ހައުސިން އެޕާޓްމަންޓު ޕްރޮޖެކްޓެއްގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފެލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން، ރިޝްވަތުގެ މުއާމަލާތްތަކެއްގައި މި ތިން ބޭފުޅުން ހިމެނި ވަޑައިގެންފައި ވާކަމުގެ ހެކި ލިބިފައިވާކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
“ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅިގެން، ހޯދުނު ހޯދުންތަކުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކު ވެސް މި ދެންނެވި ހައުސިން ޕްރޮޖެކްޓުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުން ފްލެޓް ބައްލަވައިގަތުމަށްޓަކައި މުއާމަލާތްތަކެއް ކުރެއްވި ކިތާބީ ހެކި ވެސް ލިބިފައިވެ އެވެ. މިކަމުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް މި މުއައްސަސާއިން މި ގެންދަނީ ކުރަމުންނެވެ.” އެ މައްސަލައިގައި ފުލުހުން ނެރުނު ބަޔާނެއްގައި ވެއެވެ.