English Edition
Dhivehi Edition

ރާއްޖޭގޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ދާދި ދެންމެއަކު ހައްޔަރު ކުރުމުން އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވައިލައްވައިފިއެވެ.

އުމަރު ވިދާޅުވެފައިވަނީ “ރަން 30 އަހަރުގެ ބާނީ، ރައީސް މައުމޫން ހައްޔަރުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލަން،” ކަމަށެވެ.

ފުލުހުން އެންދެރިމާގެއަށްގޮސް ރައީސް މައުމޫން ހައްޔަރުކޮށްފައި މިވަނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތާއި، ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަމަށް އެމަނިކުފާނުގެ ވަކީލުންވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫނާއެކު އެމަނިކުފާނު ދަނބިދަރިކަލުން މުހައްމަދު ނަދީމް (ޔުމްނާ މައުމޫނުގެ ފިރިކަލުން) ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަދީމްވެސް ހައްޔަރުކޮށްފައިވަނީ ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެދެބޭފުޅުންވެސް ގެންދަވާނީ ދޫނިދޫ ޖަލަށް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އެބޭފުޅުންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އުމަރުގެ އިތުރަށް އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުންވެސްވަނީ ރައީސް މައުމޫން ދޫކޮށްލުމަށް ސަރުކާރަށް ގޮވައިލައިފައެވެ.