ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަހަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ މަސް ޕްރޮސެސްކުރާ ކެޕޭސިޓީ ތިންގުނަ ކުރުމުގެ ބިޔަ މަޝްރޫއެއް ފަށާފައިވާކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު މިފްކޯއަށް މަސްގަންނަން ދައުލަތުން ދެމުން އައި ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 40 އަހަރު ދުވަހު ރާއްޖޭގައި މަސް ބޭރުކުރުމުގެ ސިޔާސަތުތައް އޮތީ އެންމެ އެދެވޭ ގޮތެއްގައެއް ނޫނެވެ. އެގޮތުން ފެލިވަރު ފެކްޓްރީން އެކަނި ހިދުމަތް ދެމުން އައިއިރު، ރާއްޖޭގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. އެކަމަކު ހަމަ ސިޔާސީ ގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން.” ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝީޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމުން، މިފްކޯއަށް މަސްގަތުމަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހުނުކަމަށެވެ. އަދި އެހާ ބޮޑު ހޭދައެއް ކުރިއިރުވެސް ސިނާއަތުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ނުކުރެވުނީ ކީއްވެގެންތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.
އމަސްވެރިކަމުގެ ސިނާއަތަށް ބަދަލު ގެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ސެކްޓާ ވެސް ޝާމިލުކޮށްގެންކަން ފާހަގަކުރައްވަމުން ޝިޔާމް ވަނީ މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫއުތަކާއެކު މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ތިންގުނަ ކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދިހުޅުމާލޭގެ 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދިި ހުޅުމާލޭގެ ކާރުހާނާގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރާ، އަމިއްލަ ކުންފުނިތައް ގުޅިގެން ވަށައިޖެހޭ ގޮތެއްގައި ސިނާއަތް ކުރިއެރުވުމަށް ފަށާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.