ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އާލް ތާނީ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިދިޔަ އާދީއްތަ ދުވަހު އަވަހާރަވި ކުރީގެ އަމީރުގެ ހިތާމައިގައި ދިވެހި ރައްޔިތުންގެ ނަމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ގަތަރުގެ މިހާރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އާލް ތާނީ ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ގަތަރުގެ އަމީރަށާއި ޝާހީ އާއިލާއަށް ފުން ތައުޒިޔާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ވެރިން ވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގާތް އުހުއްވަތްތެރި ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އަޒުމު ދެ ފަރާތުންވެސް ވަނީ ހާމަކުރައްވާފައެވެ.
ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އާލް ތާނީއަކީ ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި އެހީތެރިކަންތައްތަކެއް ވެދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ގަތަރު އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ލާމު އަތޮޅުގައި ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލް ގާއިމުކުރުމުގެ އިތުރުން، ހުޅުމާލޭގައި މަސްޖިދުއްޝެއިހް ގާސިމް ބިން އަލް ތާނީ ބިނާކުރުން ހިމެނެއެވެ. އެ މަނިކުފާނު ވަނީ 2005 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. އެއަށްފަހު، ގަތަރަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަބަދުވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގާތް އެކުވެރި ގައުމެކެވެ.