English Edition
Dhivehi Edition
ގުޅީފަޅު - ފޮޓޯ: އީޕީއޭ

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަ ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ މުއްތަލިބް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި މަޝްރޫއުތައް ނިންމައި، އާންމުންނަށް އޭގެ މަންފާ އަވަހަށް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު، ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި އެ މަޝްރޫއަށް ހޭދަވާ ފައިސާއާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދޭންޖެހޭ ބޯހިޔާވަހިކަމުގެ ހިދުމަތްތައް ލަސްނުކޮށް ފޯރުކޮށްދިނުން ކަމަށެވެ.

ކުރީގެ ސަރުކާރުން ގުޅިފަޅުން ގޯތި ދޭން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރުމުން، މި ސަރުކާރުން ވަނީ އާ ލޭންޑް ޔޫސް ޕްލޭނެއް ހަދާފައެވެ. އަދި ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ތަނުން ޖުމްލަ 3،520 ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރަން ނިންމި 1،347 ގޯތިވެސް ހިމެނެއެވެ.

ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ، “މިހާރު ގުޅިފަޅުގެ މަސައްކަތް ނިންމައި އިރާދަކުރެއްވިއްޔާމުން މި հަފުތާގެ ތެރޭގައި މި ބަލަނީ، ގޯތި ދެވެން ހުރި ހުރިހާ ފަރާތްތަކާ ވެސް ޑިޖިޓަލް ގޮތަށް، އެ ބޭފުޅުންނަށް އެ ބޭފުޅުންގެ ގޯތި ސީދާ ފެންނަ ގޮތަށް ލާފައި އެ ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން. އަދި އެތަނުގައި ވަށާފާރު ރޭނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން،” ކަމަށެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، ހުޅުމާލެ 3 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި ގިރާވަރުފަޅުން އިތުރަށް ހިއްކަން އޮތް 50 ހެކްޓަރުގެ މަސައްކަތް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޑުޖެހިފައި އޮތުމަށްފަހު، މި ހިނގާ މަހުގެ ތެރޭގައި އަލުން ފަށާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންނާއެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާ ވަށާފާރު ރޭނުމުގެ ހުއްދައާއެކު، ގޯތި ލިބުނު ފަރާތްތަކަށް އެ މީހުންގެ އަމިއްލަ ބިމުގައި އަމަލީ މަސައްކަތް ފެށުމުގެ ފުރުސަތު ލިބި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.