English Edition
Dhivehi Edition

ބިރުފަހަނައަޅާ ހުރިހާ ރައްޔިތުން މަގު މައްޗަށް ނިކުތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން “ރާއްޖެ ޓީވީ” އަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ.

ސަރުކާރުން މިރޭ 8:00 ހާއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ރައީސް ޔާމީން ހިއްޕަވަނީ އެމަނިކުފާނުގެ ވެރިކަން ދަމަހައްޓާނެ ހަތިޔާރެއް ގޮތުގައި ކަމަށާއި ނަމަވެސް އެއީ ސިޔާސީ ބޭނުންތައް ހާސިލް ކުރަން އޮންނަ ފަރުވާއެއް ނޫން ކަމަށެވެ.

” ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް ޔާމީންގެ އަމިއްލަ ވެރިކަން ދިފާއުކުރެއްވުމަށް. މި އަމުރާއެކު ދިވެހިން ބޮޑު އަދަވަޅަކަށް ވެއްޓޭނެ. މި އަމުރާއެކު ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓޭނެ. މިއީ ނެތް ވެރިކަމެއްގެ ސައްހަކަން ހޯދުމަށް ކުރި ކަމެއް ” ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަމުރު ނެރުނު ނަމަވެސް ރައީސް ނަޝީދު ހިތްވަރާއެކު ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ގޮވާލާފައެވެ.

“ރައީސް ޔާމީންގެ ވެރިކަން އޮތީ ވެއްޓިފައި، ނެތް ވެރިކަމެއް ސައްހަކަން ދަމަހައްޓަން ބާރުގެ ބޭނުންކޮށްގެން މިރޭ އެ ކުއްވީ މާ ބޮޑުކުށެއް، މިއީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް އެބޭފުޅާގެ އަމިއްލަ އެދުމަށް ކުރެއްވި ކަމެއް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެއްވި ކަމެއް ނޫން،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި އަމުރަށް ކިޔަމަންތެރިވާކަށް ނުޖެހޭކަމަށާއި އެންމެން މަގުމައްޗަށް ނުކުތުމުން ހައްލު ލިބޭނެކަމަށެވެ.

މަގުމައްޗަށް ނިކުތުމަށް ރައީސް ނަޝީދު ގޮވާލެއްވިއިރު ކުއްލި ހާލަތުގެ އަމުރާއެކު ވަނީ ގާނޫނުއަސާސީގެ ބައެއް މާއްދާތަށް ހިފަހައްޓާފައެވެ. އޭގެތެރޭގައި އެއްވެއުޅުމުގެ މިނިވަންކަން ލިބިދޭ މާއްދާ ވެސް ވަނީ ހިފަހައްޓާފައެވެ. އެހެންކަމުން ކުއްލި ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި އެއްވެ އުޅުމަކީ މިހާރު މަނާ ކަމެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.