ސްޕްރީމް ކޯޓާއި އެކޯޓުގެ ފަނޑިޔާރުން ހިމާޔަތްކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެދިވަޑައިގެންފިއެވެ. ސައީދު އެގޮތަށް ގޮވާލައްވާފައިވަނީ ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދަށް ގުޅުއްވާ ކަމަށް ސުއޫދުވަނީ ވިދާޅުވެފައެވެ.
ސުއޫދު ވިދާޅުވީ މިރޭގެ ވަގުތެއްގައި އުއްތަމަ ފަނޑިޔާރު އޭނާއަށް ގުޅި ކަމަށާއި ސުޕްރީމް ކޯޓާއި އެމަނިކުފާނު ހިމާޔަތްކޮށްދެއްވުމަށް އާއްމުންނަށް ދެންނެވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އަދި ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓު ހިންގާ އިމާރާތުގެ ތެރެއަށް މިހާރު ކޮންމެފަދަ ވަގުތެއްގައި ވެސް ވަނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މީގެ އިރުކޮޅެއް ކުރިން އުއްތަމަ ފަނޑިޔާރު ސުއޫދަށް ގުޅުއްވައި ސްޕްރީމް ކޯޓާއި އުއްތަމަ ފަނދިޔާރު ހިމާޔަތްކޮށް ދިނުމަށް ރައްޔިތުންގެ އަރިހުން އެދޭ ކަމަށް ވަނީ ދަންނަވާފައެވެ.
އުއްތަމަ ފަނޑިޔާރު މިކަމަށް ގޮވާލެއްވިއިރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މަތީ ކޯޓެއްގެ އަމުރެއް ނެތި ފަނޑިޔާރުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މިހާރު ވަނީ ދީފައެވެ.
މި ބާރު ފުލުހުންނަށް ލިބުނީ ކުއްލި ނުރައްކަލުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުންގެ ޤާނޫނުގެ 14 ވަނަ މާއްދާއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން އިއުލާން ކުރުމާއެކުއެވެ.