English Edition
Dhivehi Edition
އަބްދުﷲ ރާއިފް / ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު އޭނާ އަކީ އޯޓިޒަމް ހުންނަ މީހެއް ކަމަށް ބުނެފިއެވެ.

މިދިޔަ މޭއި މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 20 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރާއިފް (27އ) އެވެ.

މި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ހުށަހަޅާފައެވެ.

ބަންދުގެ މަޖިލީހުގައި ރާއިފްގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ އޯޓިސްޓިކް މީހަކަށްވާތީ ކުޑައިރުއްސުރެ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި އެސެސްމެންޓެއް ހަދަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަންކަން މިހާތަނަށް ފުރިހަމަވެފައި ނުވާތީ، ކްރިމިނަލް ކޯޓުން ވަނީ ރާއިފްގެ އެސެސްމަންޓް ކަންކަން ބަލައި، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

މި މައްސަލައަކީ ރާއްޖެއަށް އައި ފްލައިޓަކުން އެތެރެކުރި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމާ ގުޅިގެން، އެތަކެއްޗާ ހަވާލުވާން އުޅުނު މީހުން ހޯދަން ފުލުހުން ހިންގި “ކޮންޓްރޯލް ޑެލިވަރީ” އޮޕަރޭޝަނެކެވެ. މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. ރާއިފްގެ އިތުރުން މި މައްސަލައިގައި ބަންގްލަދޭޝްގެ ދެ ބިދޭސީން ކަމަށްވާ އެމްޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.