އަނބިމީހާގެ އަށް އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 18 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ދައުވާ އުފުލީ، އެކި ދުވަސް މަތިން ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދައްކައި، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ގައިގައި އަތްލައި ޖިންސީ ގޯނާކޮށްފައިވާތީއެވެ. ދަށު ކޯޓުން މި ދައުވާ ސާބިތުވެ ހުކުމް ކުރުމުން، އޭނާގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އިސްތިއުނާފު މަރުހަލާގައި އެ މީހާގެ ފަރާތުން ބުނެފައިވަނީ ޖިންސީ ގޯނާގެ ވާހަކަތަކަކީ ކުއްޖާ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މި ތުހުމަތަކީ ކުއްޖާގެ ދައްތަ (އޭނާގެ އަނބިމީހާ) އޭނާއާ މެދު އޮތް ރުޅިވެރިކަމެއްގެ ސަބަބުން ކުއްޖާ ލައްވާ ދައްކުވާފައިވާ ވާހަކަތަކެއް ކަމަށެވެ. އެ ކުއްޖާއަކީ އާންމުކޮށް ވާހަކަ ލިޔާ ކުއްޖެއް ކަމަށް ވެސް ބުނެފައިވެއެވެ.
ހައި ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވަނީ، ދިފާއުން ދެއްކި ވާހަކަތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެކިބަހެއް ނުވަތަ ހެއްކެއް ހުށަހަޅާފައިނުވާތީ، އެ ވާހަކަތައް ބަލައިގަނެވެން ނެތް ކަމަށެވެ. އަދި އެއީ ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް ތާއިދުކުރިއެވެ.
މީގެ އިތުރުން، ކުއްޖާގެ ހެކިބަސް ނަގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ދިފާއުން ފާހަގަކުރި ނުކުތާއަށް ރިއާޔަތްކޮށް ހައި ކޯޓުން ބުނީ، ދަށު ކޯޓުގައި ކުއްޖާގެ ހެކިބަސް ނެގިއިރު ދައުވާލިބޭ ފަރާތުން އެކަމަށް އިއުތިރާޒުކޮށްފައި ނުވާތީ، އެއީ ހައި ކޯޓު މަރުހަލާގައި ދެން ގޮތް ކަނޑައަޅަންޖެހޭނެ ނުކުތާއެއް ނޫން ކަމަށެވެ.