މާލޭގެ ގަލޮޅު ސަރަހައްދުގެ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ގ. މިތުރުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:40 އެހައިކަންހާއިރެވެ. އަލިފާން ރޯވާން ދިމާވީ އެ ގޭގެ ކޮޓަރިއެއްގައި ހުރި ގޮދަޑިއެއްގައެވެ. މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ވަނީ އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރު ވެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނި ގޮތުގައި އެއީ 4 މީހުން ދިރިއުޅޭ ގެއެކެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ. އެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގެ ފްލެޓެއްގައި ރޯވެ، 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭންޖެހުނެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 93 މީހުންނަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަލިފާނުގެ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަރަންޓު ސާމާނާއި ބަދިގޭގެ ކަންކަމަށް އިތުރަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.