ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުން، ރާއްޖޭގައި އެ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި 23 ހަށިގަނޑެއް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.
ހަށިގަނޑެއް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން އެވްރެޖްކޮށް 55,000 ރުފިޔާ ހޭދަވާއިރު ފާއިތުވި 10 އަހަރުގެ ތެރޭގައި މި ޚިދުމަތަށް ދައުލަތުގެ ބަޖެޓުން 1.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިނިސްޓަރު ގީލާ ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެވަލް ދޭއްގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން މި މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ޝަރުއީ ގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުން، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތަކުގެ ތަހުލީލުތައް ކުރުން، ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާ ގުޅޭ ތަހުލީލުތަކުގެ އިތުރުން ޝަރުއީ އަދި އިންޝުއަރެންސް ބޭނުންތަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށްދިނުން ހިމެނެއެވެ.
“މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ބަޖެޓާއި ބިން ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. އަދި ފޮރެންސިކް ޕެތޮލޮޖީގެ ގަވާއިދުތައް އެކުލަވާލައި، ގެޒެޓުކުރުމުގެ މަރުހަލާގައި މިހާރު ވަނީ ނިމިފައެވެ،” – ހެލްތު މިނިސްޓަރު ގީލާ އަލީ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ގާއިމުކުރުމަކީ މުޅި ރާއްޖޭގެ ފޮރެންސިކް ދާއިރާ ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.