އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (ޔޫސުފް) އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ މާވިން އަށް ވީހާވެސް ބޮޑު އަދަބެއް ދިނުމަށް އެދިފައިވާއިރު އަދަބާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ފަހު މާވިންއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން، އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށް މާވިންވަނީ ބުނެފައެވެ.
މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މޭރީ ގްރޭސް މަރާލާފައިވަނީ 19 އޮކްޓޯބަރު 2021 ގައެވެ. އޭނާ މަރާލާފައިވަނީ ދިރިއުޅެމުންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ.
މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔަ ނަމަވެސް، ފުލުހުންގެ ތަހުގީގުންނާ، ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި އޭނާ މަރުވީ ބޮލަށް ދިން ބާރުގަދަ ހަމަލާތަކެއްގެ ސަބަބުންނެވެ.