މިދިޔަ ހަފުތާގައި އިތުރު 44 މީހަކަށް ހިމަބިހި ޖެހި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 66 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އަލަށް ފެނުނު 44 ކޭސް ވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެއިން މި ބަލި އަލުން ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ވަނީ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގައި ވެކްސިން ދިނުމުގައި އިސްކަންދެވޭނީ 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ.
ވެކްސިން ދޭ މަރުކަޒުތައް (މާލެ ސަރަހައްދު):
އަތޮޅުތެރޭގައި: ވެކްސިން ޖަހައިދޭނެ ގަޑިތަކާއި ތާރީޚްތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން އާންމުކުރަމުން ދާނެއެވެ.
ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، އެޗްޕީއޭ އިން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުން، އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
އެޗްޕީއޭ އިން އިރުޝާދު ދެނީ ހުން އައިސް ގައިގައި ބިހި ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ޑޮކްޓަރަށް ދައްކަން ދާއިރު މަސްކް އެޅުމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފައެވެ.