މާލޭގެ މަޖީދީމަގުގައި ހަދަމުންދާ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން މިއަދު މެންދުރުފަހު ދެ ބިދޭސީ މަސައްކަތްތެރިން ވެއްޓި، ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ މަޖީދީމަގުގައި ހުންނަ އެ އިމާރާތުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި، އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި ދެ މީހުން ވެއްޓުނީ އެ އިމާރާތުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުންގެ އޮފީހުން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ އިރު، މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.