English Edition
Dhivehi Edition
ޝައިހް އިސްމާއިލް

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތް ކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އިސްމާއިލް މުހައްމަދު، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ނިޔާވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ.

މި ހަބަރު ލިބިވަޑައިގަތުމާއެކު ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި، ޝައިހް އިސްމާއިލް މުހައްމަދު ނިޔާވުމަކީ ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ވަނީ ޝައިހް އިސްމާއިލް މުހައްމަދު ދިވެހި ގައުމަށާއި އިސްލާމްދީނަށް ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކުރައްވާފައެވެ.

ޝައިހް އިސްމާއިލް މުހައްމަދަކީ ދިވެހި ދަރިވަރުންނަށް އަރަބި ބަހުން އިސްލާމީ ތައުލީމު އުނގަންނައިދެއްވުމަށްޓަކައި “މަދަރުސާ ތައިބާ” ގެ ނަމުގައި މަދަރުސާއެއް އުފައްދަވައި، ގިނަ އަދަދެއްގެ ދަރިވަރުން ބިނާކުރެއްވި އުސްތާޒެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ދީނީ އެކިއެކި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރައްވައި، އަށް ފޮތަށްވުރެ ގިނަ ފޮތް އެކުލަވައިލައްވާފައިވާ ބޭފުޅެކެވެ.

އިސްލާމީ އިލްމު ފެތުރުއްވުމަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައިވެއެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެންމެ ފުރަތަމަ ހާސިލުކުރެއްވި ބޭފުޅާއެވެ.

ތައުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ޝައިހް އިސްމާއިލް މުހައްމަދުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މާތް اللهގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިއުމަތުގައި އެމަރުހޫމް ލެއްވުން އެދި ދުއާކުރެއްވިއެވެ.