ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން މާލޭ ކޮމާޝަލް ހާބަރުގައި، ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެގޮތުން ޖުމްލަ 15،601 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާއިރު މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ތާރީހް ކަމަށްވާ ނޮވެންބަރު 15، 2024 ގެ ފަހުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓްކަން ފާހަގަކޮށްލެވެއެވެ.
މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނައިރު ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.