English Edition
Dhivehi Edition
އެޗްޕީއެލްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު - ފޮޓޯ: ސަން

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފިއެވެ.

އޭސީސީން ބުނީ އެ މައްސަލަ އަކީ އެޗްޕީއެލްގެ މުވައްޒަފުންތަކަކަށް އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި ޗުއްޓީއެއް ނެގުމަކާ ނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އެ ކުންފުނީގެ އެސިސްޓެންޓް އެމްޑީގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

“މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗް.އާރް މެނޭޖަރ އަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން، އެ ކުންފުނީގައި މަސައްކަތް ކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގޭ”، އޭސީސީން ބުންޏެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އިނާޔަތްތައް ދީފައިވާ ކަމުގައި އޭސީސީން ހާމަކުރެއެވެ.

“2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒަކީ، ރިލީޒް ދިނުމުގައި ޢަމަލުކުރަމުންދާ ގޮތާ ޚިލާފަށް ދީފައިވާ ރިލީޒެއްކަން މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވޭ. އެގޮތުން، އެ ދުވަސްވަރު ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެ ފަރާތްތަކުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނައުމަށް، ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދު، އެ ކުންފުނީގެ އައި.ޓީ މުވައްޒަފުންނަށް އަންގާފައިވާކަން، މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވޭ”، އޭސީސީން ބުނެފައިވެއެވެ.

އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު އެޗްޕީއެލްގެ މުވައްޒަފުންތަކަކަށް، މުޙައްމަދު ރަޝީދުވެސް ހިމެނޭ ގޮތަށް ރިލީޒް ދީފައި ވަނީ އެޗްޕީއެލްގެ އެސިސްޓެންޓް އެމްޑީގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު (ވެލްކަމް / ސ. ހިތަދޫ) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިރު ފައިދާއެއް ހޯދުމަށާއި، ނާޖާއިރު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވާތީ އާއި، އޭނާގެ އެ ޢަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުޑެއް ކަމަށް ވާތީ، މުޙައްމަދު ރަޝީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި އޭސީސީން ބުނެފައި ވެއެވެ.